އަބޫބަކުރު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެގެން 'ފެމިލީޑޭ' ފާހަގަކޮށްފިއެވެ. މި އިވެންޓަކީ ވޭތުވެދިޔަ ދެ ހަފުތާގައި ކިޔަވައިދެވުނު "އަހަރެންގެ އާއިލާ" މި ތީމް ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާއާއެކު ތަފާތު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. މި އިވެންޓުގައި ހިމެނުނު ޚާއްޞަ ހަތަރު ޙަރަކާތުގެ ތެރޭގައި ފިރިހެން ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް އިންޓަވަލްގެ ގޮތުގައި ސޭންޑްވިޗް ތައްޔާރުކޮށްދިނުމާއި، ޢާއިލާއާއެކު އިންޓަވަލްގެ ވަގުތު .ހޭދަކުރުން ހިމެނެއެވެ
މީގެ އިތުރުން، "އަހަރެންގެ ޢާއިލާ" މި ތީމާ ގުޅުވައިގެން ކްރިއޭޓިވް އާޓް މަސައްކަތަކާއި ފެމިލީ ބިންގޯއެއް ކުރިއަށް ގެންދެވުނެވެ. އަދި ޢާއިލާއާއެކު ސެލްފީއެއް ނަގައި، ކްލާސް ޓީޗަރަށް ދެއްކުމަށްފަހު ގްރޫޕްތަކުގައި މަސައްކަތް ދައްކާލުންވެސް އޮތެވެ. ރ.
މި ޚާއްޞަ ޙަރަކާތް ނިމިގެން ދިޔައީ ދަރިވަރުންނާއި ބެލެނިވެރިން އެއްކޮށް ބައިވެރިވި ރިލޭ ރޭހަކުންނެވެ. މި ޙަރަކާތް ވެގެން ގޮސްފައިވަނީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވެސް ލިބުނު ވަރަށް އުފާވެރި ވަގުތުކޮޅަކަށެވެ.