• އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް ފެށުން

        • 31/3/2022
        • މި ސްކޫލުގެ އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް 12 މާރިޗު 2022 ވީ ހޮނިހިރުދުވަހު ފަށައިފިއެވެ. ގްރޭޑް 1 އިން 6 ގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މި ޙަރަކާތަކީ ކޮވިޑް 19 ގެ ޢާލަމީ ވަބާގެ ފަހުން މި ސްކޫލުގެ ދަރިވަރުންނަށް ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު ޙަރަކާތެވެ. 

          ކުޅިވަރުގެ މި ޙަރަކާތުގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ ސްކޫލްގެ އިތުރުން ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގަ އާއި ތިނަދޫ ކެމްޕަސް ދަނޑުގެ އިތުރުން ތިނަދޫގައި އަލަށް ތަރައްޤީކުރެވުނު ޓާފް ބޮޑު ދަނޑުގައެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާ ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސްގައި، ކުލާސްތަކުގެ ދަރިވަރުންނަށް އެހީތެރިވަނީ ކުޅިވަރުގައި ޙަރަކާތްތެރިވާ ތިނަދޫގެ ޒުވާނުންނާއި ސްކޫލުގެ މުދައްރިސުންގެ އިތުރުން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެވެ.  ޕްރެކްޓިސް ކުރިއަށްދަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 6:00 އަށެވެ.

        • ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް 2022

        • 31/3/2022
        • ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް މި ސްކޫލުގައި ބޭއްވުނެވެ. 17 ފެބްރުވަރީ 2022 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި އެސެމްބްލީ ހުށަހަޅައިދިނީ ގްރޭޑް 6 އޭގެ ދަރިވަރުންނެވެ. މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ މުހިއްމުކަމާއި ޤައުމީ ތާރީޚު ދިރާސާކޮށް ރައްކާތެރިކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައި ދަރިވަރުން ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިއްމު ޝަޚްޞިއްޔަތުންގެ ތެރެއިން "ދޮންބަނޑާރައިންގެ ޖިހާދު" އަށް މިޔުޒިކަލް ޑްރާމާއެއް ދަރިވަރުން ތަމްސީލުކޮށްދީފައިވެއެވެ.   

          މި އެސެމްބްލީގައި ޕްރިންސިޕަލް މުޙައްމަދު އަޖީބު ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި ޤައުމީ ތާރީޚްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެ އިސްލާމްވި ދުވަހާ ބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ.

          މި އެސެމްބްލީގައި ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓްގެ މެންބަރުންގެ އިތުރުން ގްރޭޑް 6 އޭ ކްލާހުގެ ބައެއް ބެލެނިވެރިންވެސް ބައިވެރިވިއެވެ.

        • "ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" 2022

        • 15/3/2022
        • ކޮންމެ އަހަރެއްގެ ފެބްރުވަރީ 22 ފާހަގަ ކުރަމުން އަންނަނީ "ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތަކެއް، 8 މާރިޗް 2022 ވީ އަންގާރަ ދުވަހު، މިސްކޫލްގެ ޔުނިފޯރމް ޙަރަކާތުގައި ބައިވެރިވާ އަންހެން އަދި ފިރިހެން ދަރިވަރުން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

          "ވޯލްޑް ފައުންޑާސް ޑޭ" ފާހަގަކުރުމުގެ ގޮތުން މި ސްކޫލުގެ ސްކައުޓް ދަރިވަރުންނާއި ޓީޗަރުން ވަނީ ގދ. ތިނަދޫ އިރުއުތުރު ފަރާތު މޫދަށް އެރޭ ސަރަޙައްދުގެ އަތިރިމަތި ސާފުކޮށް ގިނަ ޢަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު އަދި ދަޅާއި ފުޅި ފަދަ ތަކެތި އެތަނުން ނަގާފައެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ ކައުންސިލާ ގުޅިގެންނެވެ. މި ޙަރަކާތުގައި ކައުންސިލްގެ ރައިސާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ 2 މެމްބަރުން ޢަމަލީގޮތުން ބައިވެރިވެފައި ވެއެވެ.

          "ވޯލްޑް ތިންކިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން ގެންދެވުނު ޙަރަކާތްތަކުގައި މި ސްކޫލުގެ ސްޓާރސް، ލިޓްލް މެއިޑްސް އަދި ގާރލް ގައިޑް ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިގޮތުން ގެންދެވުނު 5 ޙަރަކާތް ފުރިހަމަކުރި ދަރިވަރުންނަށް "ވޯލްޑް ތިންކިންގ ޑޭ" ބެޖް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ "ފަސްޓް ގދ. ޔަންގް ލީޑަރސްގެ އެހީތެރިކަމާ އެކުގައެވެ.

        • އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވަރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 2022

        • 12/3/2022
        • އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވާރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 3 މާރިޗު 2022ގައި އަބޫބަކުރު ސްކޫލުގެ ހޯލުގައި ބޭއްވިއްޖެއެވެ.  މި ރަސްމިއްޔާތުގައި 2022ވަނަ އަހަރަށް ސްކޫލުގެ 39 ޕްރިފެކްޓުންނާއި 19 ސީނިއަރ ޕްރިފެކްޓުން އަދި ސްކޫލުގެ ދަރިވަރު އިސްވާރުންގެ މަޤާމްތަކަށް ދަރިވަރުން ޢައްޔަން ކުރެވުނެވެ.  މިގޮތުން ޢައްޔަންކުރެވުނު ދަރިވަރުންނަކީ:-

          ޢާއިޝަތު ރުދައިނާ ރަފީޢު   -             ސްކޫލް ކެޕްޓަން

          ހަމޫދު މުޙައްމަދު ލަޠީފް        -             ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސް

          އުއްމުކުލްޘޫމް މުޙައްމަދު       -             ދަރިވަރުންގެ ޖަމްޢިއްޔާގެ ނާއިބް ރައީސް

          ޢާއިޝަތު އާލާ މުޙައްމަދު     -             ސްކޫލް ޑެޕިއުޓީ ކެޕްޓަން

          ފާޠިމަތު ނާޝް އަޙުމަދު       -            ގޭމްސް ކެޕްޓަން

          ޔޫސުފް އަދީން އާދަމް ނަސީމް     -     ދާންނާ ހައުސް ކެޕްޓަން

          ޙަސަން އާހިލް އިރުފާން          -      ފާށަނާ ހައުސް ކެޕްޓަން

          ޙައްވާ ޔޫލީ އަޙުމަދު                -      ވެލާނާ ހައުސް ކެޕްޓަން

          މަރްޔަމް އީޝަލް މުޙައްމަދު ރަމީޒް   -  ދޮށިމޭނާ ހައުސް ކެޕްޓަން

          ޢާއިޝަތު އަލްމާ ބިންތި އިބްރާހީމް  -  ނޭޗަރ ކްލަބް ޕްރެޒިޑެންޓް

          މަރްޔަމް މަލަކާ ބިންތި މަމްދޫން    -  އަދަބީ ދަންމަރުގެ ރައީސާ

          މުޙައްމަދު އާކިފް ބިން އަފްޒަލް     -   ޤުރްއާން ކްލަބް ރައީސް

          ޙަސަން ލަޔާން              -         ހިއުމަން ރައިޓްސް ކްލަބް ޕްރެޒިޑެންޓް

          އަޒާން ބިން މުޙައްމަދު ސަލީމް    -  އެކްސްޕްރެޝަން ގްލޯރިޔާ ޕްރެޒިޑެންޓް

          އަޙްމަދު މައިޝަލް އިބްރާހީމް     -   ވޮކޭޝަނަލް ކްލަބް ޕްރެޒިޑެންޓް

          މުޙައްމަދު މަހީލް ޢަލީ             -    ކޯޑް ކްލަބް ޕްރެޒިޑެންޓް

           

          ގިނަޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އެންމެހައި މުއައްޒަފުންނާއި ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތިނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަރީފެވެ. ދަރިވަރުންނާ މުޚާޠަބުކުރައްވައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް މަރުޙަބާ ދެންނެވިއެވެ.  އަދި ހުރިހާ ދަރިވަރުން، ޚާއްޞަކޮށް އިސްވާރުންގެ ގޮތުގައި ހޮވުނު ދަރިވަރުން، ސްކޫލުގެ އެހެން ދަރިވަރުންނާ ގުޅިގެން އެކުގައި ކުރިއެރުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.  އަދި ކޮންމެ ލީޑަރަކީވެސް އެހެން މީހުންގެ މަޤްބޫލުކަން ލިބޭފަދަ ލީޑަރަކަށް ވުމަށާއި، އެފަދަ 'އިންސްޕިރޭޝަނަލް' ލީޑަރަކަށް ވުމަށް ކުރެވިދާނެ ގިނަކަންތައްތަކެއް ފާހަކޮށްދެއްވިއެވެ. 

          މި ޙަފްލާގައި ސްކޫލުގެ ޕްރިންސިޕަލް ވާހަކަދެއްކެވިއެވެ.  ޕްރިންސިޕަލްގެ ވާހަކާގައި، މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ތަހުނިޔާ ދެންނެވުމަށްފަހު، ސްކޫލުގެ އިސްވާރުން އެހެންކުދިންނަށް ނަމޫނާއަކަށް ވުމަށްނަޞޭޙަތްތެރިވެލެއްވިއެވެ.  މީގެ އިތުރުން މި ޙަފްލާއަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.  ވަކިން ޚާއްޞަކޮށް ސްކޫލުގެ މުއައްޒަފުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.    

          މި ރަސްމިއްޔާތުގައި، ތިނަދޫ ކައުންސިލުގެ ނާއިބު ރައީސާއި ކައުންސިލަރުން، އަދި ކައުންސިލް އެގްޒެކެޓިވްއާއި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މި ރަސްމިއްޔާތުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެން، ޕްރިފެކްޓުންނަށް ސެޓްފިކެޓާއި، ޓެގް، ދަރިވަރު އިސްވާރުންނަށް ސޭޝާއި ސެޓްފިކެޓާއި ޓެގް ޙަވާލުކޮށްދެއްވިއެވެ.  ދަރިވަރު އިސްވާރުންނަށް ގުލްދަސްތާ ޙަވާލުކޮށްދެއްވީ އެ ދަރިވަރުންގެ ބެލެނިވެރިންނެވެ. 

          ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މިރަސްމިއްޔާތުގައި، ކިޔެވިދިޔަ އާޔަތްތަކުގެ ދިވެހި ތަރުޖަމާ އިއްވުމަށްފަހު، ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.  ސްކޫލުގެ ޕްރިފެކްޓުންނާއި، އެކި މަޤާމްތަކަށް ހޮވުނު އިސްވާރުންގެ ނަންތައް، ދަރިވަރުން އިޢުލާނުކުރުމުން ސެޓްފިކެޓާއި ޓެގް އަދި ސޭޝް ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނާއި ޚާއްޞަ މެހުމާނުންނެވެ.  އެހީތެރިވެދެއްވީ ސްކޫލުގެ ޕްރިންސިޕަލާއި ލީޑިންގ ޓީޗަރުންނެވެ. 

          ތީމަކަށް 'ފަންވަތް' ބޭނުންކުރި މި ރަސްމިއްޔާތުގައި ސްކޫގެ ދަރިވަރުވަރު އިސްވާރުންނަށް ތަހުނިޔާ ދެންނެވުމަށް، ބަންޖާއި ރައިވަރު އަދި ލަވައިން ގިނަ ހުށަހެޅުންތަކެއް ހުށަޅާފައިވެއެވެ. 

           

        • ބެލެނިވެރިންގެ ޢާންމު ބައްދަލުވުން

        • 2/3/2022
        • 2021، 2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ، ބެލެނިވެރިންގެ ފުރަތަމަ ޢާންމުބައްދަލުވުން 27 ފެބްރުއަރީ 2022 (އާދީއްތަ) ދުވަހުގެ ރޭ 8:30ގައި މި ސްކޫލުގެ ހޯލުގައި ބޭއްވުނެވެ.  މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެވަނަ ޓާމުގައި މި ސްކޫލުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމާއި، ސްކޫލް ހިންގުން ހަރުދަނާ ކުރުމުގެގޮތުން ބެލެނިވެރިންގެ ޚިޔާލު ހޯދުމެވެ.  މީގެއިތުރުން ދަރިވަރުން ހޯދާ ކާމިޔާބީތައް ސްކޫލްތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތު ބެލެނިވެރިންނާ ޙިއްސާކުރުމާއި، އެ ސިޔާސަތު ސްކޫލުގައި ތަންފީޒު ކުރުމަށްޓަކައި، ސްކޫލުން ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމަކީވެސް މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްޞަދެވެ. 

          ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި މި ޖަލްސާގައި، ޚާއްޞަ ދުޢާއެއް ކުރުންއޮތެވެ.  އެއަށްފަހު، ހިގަމުންދާ ދިރާސީއަހަރުގެ ދެވަނަ ޓާމުގައި ސްކޫލުން ކުރިޔަށް ގެންދަން ރާވާފައިވާ ޙަރަކާތްތަކާއި، ސްކޫލުގެ ކަންކަމުގައި ބެލެނިވެރިން ސަމާލުކަން ދެއްވަންޖެހޭނެ ބައެއް ދާއިރާތަކާ ގުޅޭގޮތުން ޕްރިންސިޕަލް ވާހަކަދެއްކެވިއެވެ.  މީގެއިތުރުން، ދަރިވަރުން ހޯދާ ކާމިޔާބީތައް ސްކޫލްތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތު ބެލެނިވެރިންނާ ޙިއްސާކުރެއްވިއެވެ.

          ޕްރިންސިޕަލުގެ ވާހަކައަށްފަހު، މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތާ އެއްގޮތަށް އެވޯޑް ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ސްކޫލުން، ދަރިވަރުންނަށް ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް ވަރަށް ތަފްޞީލްކޮށް (އެކި ކީ ސްޓޭޖްތައް ވަކިވަކިން) ލީޑިންގ ޓީޗަރުން، ބެލެނިވެރިންނާ ޙިއްސާކުރެއްވިއެވެ.  ވަކިން ޚާއްޞަކޮށް، އާރޓް އެންޑް އިނޮވޭޝަން އެވޯޑާއި، މަސައްކަތްތެރިކަމުގެ އެވޯޑް އަދި ކޮމިއުނިޓީ ސަރވިސް އެވޯޑާއި ރީޑިންގ އެވޯޑް  ޙާޞިލުކޮށްދިނުމަށްޓަކައި، ދަރިވަރުންނަށް ހިންގަން ރާވާފައިވާ ޙަރަކާތްތައް ޙިއްސާކުރެއްވިއެވެ. 

          މި ބައްދަލުވުމުގެ އެންމެ ފަހު ނަމްބަރަކަށް އޮތީ، ބެލެނިވެރިން ޚިޔާލު ފާޅުކުރުމެވެ.  މި ފުރުޞަތުގެ ބޭނުން ހިއްޕަވައިގެން، ބެލެނިވެރިން ކުރެއްވި ސުވާލުތަކަށް ޕްރިންސިޕަލް ޖަވާބުދެއްވިއެވެ.  ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ސްކޫލުގެ މުދައްރިސުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ނިމުނީ 10:15ގައެވެ. 

      • Login