• ކޮމިއުނިޓީ ސަރވިސް ޙަރަކާތް ކުރިޔަށް ގެންދިއުން

        • 25/1/2025
        • އިޖްތިމާޢީ ޚިދުމަތްކުރުމަށް މި ސްކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ޝައުޤު އުފެއްދުމަށްޓަކައި މި ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ " ކޮމިއުނިޓީ ސަރވިސް" ގެ ދެ ޙަރަކާތް، 22 އަދި 23 ޖެނުއަރީ 2025ގައި ކުރިޔަށް ގެންދެވުނެވެ.  މި ޙަރަކާތް ކުރިޔަށް ގެންދިޔައީ، ހެޔޮ ގޮތުގައި ކުނި ނައްތާލާނެ ގޮތާބެހޭގޮތުން ތިނަދޫގެ ޢާންމުންނާއި ދަރިވަރުން ހޭލުންތެރިކޮށް، ކުނި ބައިބައިކޮށް ނައްތާލާނެ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ދަސްކޮށްދިނުމުގެ މަޤުޞަދުގައެވެ.   މި ސްކޫލާއި 'ވެމްކޯ' ތިނަދޫ ޔުނިޓާއި ގުޅިގެން، ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނާއި ސްކޫލުގެ މުދައްރިސުންނާއި 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން، ރަގަޅު ގޮތުގައި ކުނި ނައްތާލުމަށްޓަކައި ޢަމަލުކުރަން ޖެހޭ ގޮތްތަކާއި، ކުނީގެ ބާވަތްތަކާއި، ކުނީގެ ބާވަތްތައް ވަކިކުރާނޭ ގޮތުގެ މަޢުލޫމާތު ސެޝަންތަކެއް ދަރިވަރުންނަށް ގެންދެވުނެވެ.  އެކި ކީ ސްޓޭޖްތަކަށް ވަކިވަކިން ކުރިޔަށް ގެންދިޔަ މި ސެޝަންތައް ނަންގަވައި ދެއްވީ 'ވެމްކޯ' ތިނަދޫގެ މުއައްޒަފުންނެވެ   

          ދަރިވަރުންނަށް ލިބުނު މަޢުލޫމާތު ޢަމަލީގޮތުން ބޭނުން ކުރުމަށްޓަކައި، ޖެނުއަރީ 22ވަނަ ދުވަހު ތިނަދޫގެ ދެ ސަރަޙައްދެއްގެ ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން ތިނަދޫ ފުޓްބޯޅަ ދަނޑުގެ ސަރަޙައްދުގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ނަގައި ސާފުކޮށްފައި ވެއެވެ.  އަދި ޖެނުއަރީ 23ވަނަ ދުވަހުގެ ގްރޭޑް 6ގެ ދަރިވަރުން ތިނަދޫގެ ގެތަކަށް ޒިޔާރަތްކޮށް ގެއިން އުފެދޭ ކުނިބުނި ބައިބައިކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އެ ކުނިތައް ރަގަޅު ގޮތުގައި ނައްތާލުމާ ގުޅޭ މަޢުލޫމާތު އެ ގޭބިސީތަކަށް ދީފައި ވެއެވެ.  މީގެ އިތުރުން، މިވަގުތު ތިނަދޫގެ ގެތަކުގައި ކުނި ނައްތާލާ ގޮތާ ގުޅޭ ސަރވޭއެއް މި ދަރިވަރުން ކުރިޔަށް ގެންގޮސްފައި ވެއެވެ.  މި ސާވޭއިން އެއްކުރެވުނު މަޢުލޫމާތު 'ވެމްކޯ' ތިނަދޫ ސެންޓަރާ ޙިއްސާކޮށް، މުސްތަޤްބަލުގައި ތިނަދޫގައި ކުނި މެނޭޖް ކުރުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުން ކުރެވޭނެއެވެ.     މި ޙަރަކާތުގައި، މި ސްކޫލުގެ ގްރޭޑް 6ގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ.  

          މި ޙަރަކާތުގެ ސަބަބުން، ކުނި ބައިބައި ކުރާނެ ގޮތްތަކާއި، އެކަމުގެ މުހިއްމުކަން ދަރިވަރުންނަށް އެނގި، މުޖުތަމަޢޫގައި ބޮޑުވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް އެހީވުމުގެ ގޮތުން ފަރުދީ ފެންވަރުގައާއި، ޖަމާޢަތުގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް އެނގި، މުޖުތަމަޢަށް ފައިދާހުރި ޚިދުމަތެއް ކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ. މިއީ، ދަރިވަރުންގެ ކަރިކިއުލަމުގައި ވާ ފަދައިން، ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ވަރަށް މުހިއްމު އެހައިމެ ބޭނުންތެރި ޙަރަކާތެކެވެ.  

      • Login