މުދައްރިސުން ކުރައްވާ ބުރަ، މާތް މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަ ކުރާ 'ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަސް' މި ސްކޫލުގައި ފާހަގަކުރެވުނެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5ވަނަ ދުވަހު ކަމުގައި ވީނަމަވެސް، އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހަކީ މި ދިރާސީ އަހަރުގެ ޓާމު ޗުއްޓީގެ ދުވަހެއް ކަމަށް ވުމާއެކު، މުދައްރިސުންގެ ދުވަސް މި ސްކޫލުގައި ފާހަގަ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ.
އަބޫބަކުރު ސްކޫލުގެ މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކަައި، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މުދައްރިސުން ސްކޫލަށް ޙާޟިރު ވުމާއެކު، ސްކޫލުގެ ހުރިހައި މުދައްރިސުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. އެގޮތުން މުދައްރިސުންގެ ހިއްމަތްތެރި މަސައްކަތަށް ތަޢުރީފުކޮށް، ޚާއްޞަ ލަވައެއް ހުށަހެޅުމާއެކު މުދައްރިސުންނަށް މާ ބޮނޑި އެރުވުނެވެ. މީގެ އިތުރުން މި ސްކޫލުގެ އެޑްމިނިސްޓްރޭޓިވް މުއައްޒަފުންނާއި، ދަރިވަރުން އަދި ޕީ.ޓީ.އޭ ގުޅިގެން ޚާއްޞަ އެސެމްބްލީއެއް ކުރިޔަށް ގެންދެވުނެވެ. މި އެސެމްބްލީގައި، މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޕްރިންސިޕަލާއި، ދަރިވަރުން އަދި ބެލެނިވެރިންގެ ޝުޢޫރު ފައުޅުކުރުން އޮތެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް، ހުރިހައި ދުވަހަކު ސްކޫލަށް ޙާޟިރުވެލެއްވި މުދައްރިސުންނަށް، ސްކޫލުގެ ޕީ.ޓީ.އޭ އިން ދެއްވާ 'ރަން ޙާޟިރީ'ގެ އިނާމު (2000.00ރ.ގެ ފައިސާގެ ވައުޗަރު) ޙަވާލު ކުރުން އޮތެވެ. މި ފަޚުރުވެރި މަޤާމް މި އަހަރު ޙާޞިލު ކުރައްވާފައި ވަނީ، ތަސްމީނާ ޒަކަރިއްޔާ، އާމިނަތު މުޙައްމަދު އަދި ހިދާޔާ އަޙްމަދެވެ.
ޤައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރައްވާ މުހިއްމު ދައުރު ފާހަގަކޮށް، ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޚާއްޞަ ކޭކަކާއި ހެންދުގެ ސައިފޮދެެއް މުދައްރިސުންނަށް ހަދިޔާ ކޮށްފައި ވެއެވެ. އަދި ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން މުދައްރިސުންނަށް ޚާއްޞަ ކޭކެއް ހަދިޔާ ކޮށްފައި ވެއެވެ.
މީގެ އިތުރުން، މުދައްރިސުންގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު ވަޒަންކޮށް ސްކޫލުގެ ކޮންމެ މުދައްރިސަކަށް، ހަނދާނީ ހަދިޔާއެއްެގެ ގޮތުގައި ޚާއްޞަ ގަލަމެއް ސްކޫލުން ހަދިޔާ ކޮށްފައި ވެއެވެ.