• އަބޫބަކުރު ސްކޫލުގެ އަހަރީ ކޭމްޕް – 'ހުޓެވަރާ' 2024

        • 26/11/2024
        • މި ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުންނަށް ބާއްވާ އަހަރީ ކޭމްޕް 'ހުޓެވަރާ' 2024، ނޮވެމްބަރ 23 އަދި 24ގައި ކުރިޔަށް ގެންދެވިފައި ވެއެވެ. މި ސްކޫލުގެ 25 ސްކައުޓުންނާއި، 16 ގާރލް ގައިޑުން، އަދި 71 ކަބް ސްކައުޓުންނާއި 91 ލިޓްލް މެއިޑުންގެ އިތުރުން 32 ސްޓަރ ދަރިވަރުންނާއި، 32 ޕްރީ-ކަބުން ބައިވެރިވި މި ކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުން ދެ ގްރޫޕަކަށް ބަހައިގެންނެވެ.  ގދ.ކާޑެއްދޫ އެމް.އެން.ޑީ.އެފް.ސައިޓާއި، އަބޫބަކުރު ސްކޫލުގައި ކުރިޔަށް ގެންދެވުނު މި ކޭމްޕުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ކަސްރަތާއި، ޓީމް ބިލްޑިންގ އަދި ދަރިވަރުން ގަޔާވާފަދަ ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ކުރިޔަށް ގެންދެވުނެވެ. 

          ކާޑެއްދޫގައި ކުރިޔަށްދިޔަ ކޭމްޕު ޚާއްޞަ ކޮށްފައިވަނީ މި ސްކޫލުގެ ގްރޭޑް 5 އަދި 6ގެ ސްކައުޓުންނަށާއި ގާރލް ގައިޑުނަށެވެ.  އަދި ސްކޫލުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގައި ބައިވެރި ވެފައިވަނީ އެލް.ކޭޖީ.، ޔޫ.ކޭ.ޖީ، ގްރޭޑް 3،2،1 އަދި 4ގެ ޕްރީ-ކަބް، ސްޓަރ، ކަބްސްކައުޓް އަދި ލިޓްލް މެއިޑް ދަރިވަރުންނެވެ. ސްކޫލުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގައި   ނޮވެމްބަރ 23ގައި ޔުނީފޯމް ޙަރަކާތްތަކުގެ އަންހެން ދަރިވަރުން ބައިވެފައިވާއިރު، ޔުނީފޯމް ޙަރަކާތްތަކުގެ ފިރިހެން ދަރިވަރުން ކޭމްޕުގައި ބައިވެފައިވަނީ ނޮވެމްބަރ 24ގައެވެ.

          މި ކޭމްޕުގައި މި ސްކޫލުގެ ހުރިހައި މުދައްރިސުން ބައިވެރިވެފައިވާއިރު، 'ތެނަދޫ ރޯވަރުން'ނާއި 'ޔަންގް ލީޑަރސް'ގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. އަދި އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ – ކާޑެއްދޫ ޕޯސްޓުގެ ބޭފުޅުންނާއި، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނާއި ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.  މީގެ އިތުރުން އެފް.އެން.އެފްގެ އިންސްޓްރަކްޓަރ ނަބާޙަތު ލަޠީފާއި ސްކޫލުގެ އެންމެހައި ބެލެނިވެރިންނާއި އެޑްމިން މުއައްޒަފުންނާއި ސަޕޯޓް ސްޓާފުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. މި ކޭމްޕުގެ އެންމެހައި ބައިވެރިންނަށް، ކޭމްޕު ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓާއި ކޭމްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެވުނެވެ.   

        • ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ ޑަބުލިއު.ޑީ.ސީގެ ފަރާތުން އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާ ކުރުން

        • 22/11/2024
        • އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާކުރުން

          އަބޫބަކުރު ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.  މި ލެޕްޓޮޕްތައް ޙަވާލުކުރެއްވީ 21 ނޮވެމްބަރ 2024ގައި ސްކޫލުގައި އޮތް ޚާއްޞަ އެސެމްބްލީގައި ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީއާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބް ރައީސް ޢާދިލާ މުޙައްމަދު ރަޝީދެވެ.  ސްކޫލުން، މި ލެޕްޓޮޕްތަކާ ޙަވާލުވީ، ޕްރިންސިޕަލް މުޙައްމަދު ޢަޖީބެވެ. 

          މި ލެޕްޓޮޕްތައް ސްކޫލަށް ހަދިޔާ ކުރެއްވުމާ ގުޅިގެން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަބޫބަކުރު ސްކޫލުގެ ފަރާތުން ހަނދާނީ ފިލާ ޙަވާލު ކުރެވުނެވެ. 

          ސްކޫލަށް މި ލިބުނު އެހީއަކީ، މުދައްރިސުންގެ ބުރަ މަސައްކަތަށް ލުއިތަކެއް ލިބިގެން ދާނެ އެހީތެރިކަމެއްކަމަށާއި، މީގެ ސަބަބުން މުދައްރިސުން ކުރައްވާ މަަސައްކަތްތައް ކުރުމުގެ ސްޕީޑް ހަލުއިވެ، އޭގެ ހެޔޮ އަސަރު ދަރިވަރުންގެ އުނގެނުމަށް ސީދާ ގޮތެއްގައި ކުރާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.  އަދި މިފަދަ ދީލަތި އެހީތެރިކަމެއް ވެދެއްވި ކަމަށްޓަކައި ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޝުކުރު އަދާކުރެއްވިއެވެ. 

          މި އެސެމްބްލީގައި ތިނަދޫ ސިޓީގެ މޭޔަރ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމަށް މުދައްރިސުން ކުރައްވާ ބުރަމަސައްކަތް ފާހަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޓީ ކައުންސިލާއި ޑަބުލިއު.ޑީ.ސީން މި ދިން އެހީތެރިކަމުގެ ސަބަބުން، މުދައްރިސުންނަށް ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ތިނަދޫ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރައްވަނީ، މި ސިޓީގެ ތަރައްޤީއަށް އެންމެން ގުޅިގެން މަަސައްކަތް ކުރެއްވުމާއެކު، މި ސިޓީގައި ހުރި މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ސިޓީ ކައުންސިލުގައި ޤާބިލުކަން ހުރި މިންވަރަކުން ފޯރުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. 

          މި ޚާއްޞަ އެސެމްބްލީގައި، އަބޫބަކުރު ސްކޫލުގެ ދަރިވަރުން، ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުގެ ޤުރްއާން މުބާރާތުންނާއި، މާލޭގައި ބޭއްވުނު އެމް.ޑަބުލިއު.އެސް.ސީ. އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުން އޮތެވެ. ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުގެ ޤުރްއާން މުބާރާތުން މި ސްކޫލް، އޯވަރޯލް 3ވަނަ ޙާޞިލުކޮށްފައިވާއިރު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން މި ސްކޫލުވަނީ 13އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 2ވަނަ ޙާޞިލު ކޮށްފައެވެ.  މި މުބާރާތްތަކުން ދަރިވަރުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ސްކޫލުގެ ފަރާތުން ދަރިވަރުންނަށް ދިން ހަދިޔާ ޙަވާލުކޮށްދެއްވީ، މި އެސެމްބްލީގެ ޚާއްޞަ މެހުމާނުން ކަމަށްވާ، ތިނަދޫ ސޓީގެ މޭޔަރާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބުލިއު.ޑީ.ސީގެ މެމްބަރުންނެވެ.  އެތުލެޓިކްސް މުބާރާތުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ލިއުން ޙަވާލު ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޢަޖީބެވެ.  މި އެސެމްބްލީގައި ސްކޫލުގެ މުދައްރިސުންނާއި، ކާމިޔާބީ ޙާޞިލުކުރި ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން، ސްކޫލުގެ ޕީ.ޓީ.އޭ.ގެ ހިންގާ ކޮމިޓީއާއި ކްލާސް މަންދޫބުން ބައިވެރިވެލެއްވިއެވެ.     

      • Login