• ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ބެލެނިވެރިން އެކުގައި " ފެމިލީ ޑޭ" ފާހަގަކުރުން

        • 22/5/2025
        • އަބޫބަކުރު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެގެން 'ފެމިލީޑޭ' ފާހަގަކޮށްފިއެވެ. މި އިވެންޓަކީ ވޭތުވެދިޔަ ދެ ހަފުތާގައި ކިޔަވައިދެވުނު "އަހަރެންގެ އާއިލާ" މި ތީމް ނިންމުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޙަރަކާތެކެވެ.

          މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޢާއިލާއާއެކު ތަފާތު މާޙައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. މި އިވެންޓުގައި ހިމެނުނު ޚާއްޞަ ހަތަރު ޙަރަކާތުގެ ތެރޭގައި ފިރިހެން ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް އިންޓަވަލްގެ ގޮތުގައި ސޭންޑްވިޗް ތައްޔާރުކޮށްދިނުމާއި، ޢާއިލާއާއެކު އިންޓަވަލްގެ ވަގުތު .ހޭދަކުރުން ހިމެނެއެވެ

          މީގެ އިތުރުން، "އަހަރެންގެ ޢާއިލާ" މި ތީމާ ގުޅުވައިގެން ކްރިއޭޓިވް އާޓް މަސައްކަތަކާއި ފެމިލީ ބިންގޯއެއް ކުރިއަށް ގެންދެވުނެވެ. އަދި ޢާއިލާއާއެކު ސެލްފީއެއް ނަގައި، ކްލާސް ޓީޗަރަށް ދެއްކުމަށްފަހު ގްރޫޕްތަކުގައި މަސައްކަތް ދައްކާލުންވެސް އޮތެވެ. ރ.

          މި ޚާއްޞަ ޙަރަކާތް ނިމިގެން ދިޔައީ ދަރިވަރުންނާއި ބެލެނިވެރިން އެއްކޮށް ބައިވެރިވި ރިލޭ ރޭހަކުންނެވެ. މި ޙަރަކާތް ވެގެން ގޮސްފައިވަނީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވެސް ލިބުނު ވަރަށް އުފާވެރި ވަގުތުކޮޅަކަށެވެ.

        • ރަށުގެ ގޮނޑުދޮށްތަކުގައި ތިބެ ކުޑަކުދިންނަށް ވެއްޔާ ކުޅެވޭނެ ސާމާނު އަބޫބަކުރު ސްކޫލުން ހަދިޔާކޮށްފި

        • 19/5/2025
        • ގދ. ތިނަދޫ  އަބޫބަކުރު ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ "ކޮމިއުނިޓީ ސަރވިސް" ޕްރޮގްރާމްގެ 2025 ވަނަ އަހަރުގެ ފުރަތަމަ ޙަރަކާތް 18 މެއި  2025 - ކުރިޔަށް ގެންދެވުނެވެ.  މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިޖްތިމާޢީ ޚިދުމަތްކުރުމުގެ ޝައުޤު، ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމާއި، މުޖުތަމަޢަށް އެހީތެރިވުމުގެ މުހިންމުކަން އަންގައިދިނުމެވެ.  މި ޙަރަކާތުގައި، ސްކޫލުގެ ދަރިވަރުން ތިނަދޫގެ ތިން ގޮނޑުދޮށަކަށް ވެއްޔާ ކުޅޭ ސާމާނު ހަދިޔާކޮށްފައިވެއެވެ. މިގޮތުން، ސްކޫލުގެ ކޮންމެ ގްރޭޑަކުންވެސް ވެއްޔާ ކުޅޭ ސާމާނު ގެ ދެ ”ޕެކް" ހަދިޔާކުރިއެވެ. އ

          މި ޙަރަކާތުގައި ސްކޫލުގެ ސްޕާކްލިންގ ޔުނިޓް، ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ. ދަރިވަރުން ހަދިޔާކުރި ކުޅޭ ސާމާނު ތިނަދޫގެ "ޓްރެކް ބީޗް"، "އަކިރި ބީޗް" އަދި "ކްރެބް ބީޗް" ގައި ބަހައްޓާފައިވާ ކުޅޭ ވަށިގަނޑުތަކަށް ލެވުނެވެ. މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ހިތުގައި އިޖްތިމާޢީ ޚިދުމަތްކުރުމަށް އޮންނަ ލޯބި އިތުރުވެ، ކުޅޭ ތަކެތި ރައްކާތެރިކަމާއެކު ބޭނުންކޮށް، ބެލެހެއްޓުމުގެ މުހިންމުކަން ދަސްވެގެން ދާނެއެވެ. ހ  މީގެ އިތުރުން،  މި ޕްރޮގްރާމުގެ ސަބަބުން ކުޑަކުދިންގެ މުނިފޫހިފިލުވުމަށް އިތުރު ފަހި ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.  މ

          އަދި  ގޮނޑުދޮށްތަކަށް ޒިޔާރަތްކުރާ ކުދިންނަށް އުފާވެރި މާޙައުލެއްލިބޭނެއެވެ. އަދި ގޮނޑުދޮށްތަކުގައި ބޭނުންކުރަން ހުންނަ ކުޅޭ ތަކެތި ގެއްލުމާއި ހަލާކުވުމުގެ މައްސަލަ   ޙައްލުކުރުމަށް އެހީވުމުގެ ގޮތުން ފަރުދީ އަދި މުޖުތަމަޢުގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާ މެދު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުވެގެން ދާނެވެ
          އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'އިޖުތިމާޢީ ޚިދުމަތުގެ' ޕްރޮގްރާމުގެ ތެރެއިން  މިފަދަ އިތުރު ޙަރަކާތްތައް މިއަހަރުވެސް  ކުރިއަށް ގެންދިއުމަށް ރޭވިފައި ވެއެވެ. ނ

        • ކޮމިއުނިޓީ ސަރވިސް ޙަރަކާތް ކުރިޔަށް ގެންދިއުން

        • 25/1/2025
        • އިޖްތިމާޢީ ޚިދުމަތްކުރުމަށް މި ސްކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ޝައުޤު އުފެއްދުމަށްޓަކައި މި ސްކޫލުން ކޮންމެ އަހަރަކު ސިލްސިލާކޮށް ކުރިޔަށް ގެންދާ " ކޮމިއުނިޓީ ސަރވިސް" ގެ ދެ ޙަރަކާތް، 22 އަދި 23 ޖެނުއަރީ 2025ގައި ކުރިޔަށް ގެންދެވުނެވެ.  މި ޙަރަކާތް ކުރިޔަށް ގެންދިޔައީ، ހެޔޮ ގޮތުގައި ކުނި ނައްތާލާނެ ގޮތާބެހޭގޮތުން ތިނަދޫގެ ޢާންމުންނާއި ދަރިވަރުން ހޭލުންތެރިކޮށް، ކުނި ބައިބައިކޮށް ނައްތާލާނެ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ދަސްކޮށްދިނުމުގެ މަޤުޞަދުގައެވެ.   މި ސްކޫލާއި 'ވެމްކޯ' ތިނަދޫ ޔުނިޓާއި ގުޅިގެން، ކުރިޔަށް ގެންދިޔަ މި ޙަރަކާތުގައި މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނާއި ސްކޫލުގެ މުދައްރިސުންނާއި 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން، ރަގަޅު ގޮތުގައި ކުނި ނައްތާލުމަށްޓަކައި ޢަމަލުކުރަން ޖެހޭ ގޮތްތަކާއި، ކުނީގެ ބާވަތްތަކާއި، ކުނީގެ ބާވަތްތައް ވަކިކުރާނޭ ގޮތުގެ މަޢުލޫމާތު ސެޝަންތަކެއް ދަރިވަރުންނަށް ގެންދެވުނެވެ.  އެކި ކީ ސްޓޭޖްތަކަށް ވަކިވަކިން ކުރިޔަށް ގެންދިޔަ މި ސެޝަންތައް ނަންގަވައި ދެއްވީ 'ވެމްކޯ' ތިނަދޫގެ މުއައްޒަފުންނެވެ   

          ދަރިވަރުންނަށް ލިބުނު މަޢުލޫމާތު ޢަމަލީގޮތުން ބޭނުން ކުރުމަށްޓަކައި، ޖެނުއަރީ 22ވަނަ ދުވަހު ތިނަދޫގެ ދެ ސަރަޙައްދެއްގެ ގޮނޑުދޮށާއި ހޭޅިފަށުގެ އިތުރުން ތިނަދޫ ފުޓްބޯޅަ ދަނޑުގެ ސަރަޙައްދުގައި ހުރި ޕްލާސްޓިކް ކޮތަޅާއި ފުޅިފަދަ ތަކެތި ނަގައި ސާފުކޮށްފައި ވެއެވެ.  އަދި ޖެނުއަރީ 23ވަނަ ދުވަހުގެ ގްރޭޑް 6ގެ ދަރިވަރުން ތިނަދޫގެ ގެތަކަށް ޒިޔާރަތްކޮށް ގެއިން އުފެދޭ ކުނިބުނި ބައިބައިކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، އެ ކުނިތައް ރަގަޅު ގޮތުގައި ނައްތާލުމާ ގުޅޭ މަޢުލޫމާތު އެ ގޭބިސީތަކަށް ދީފައި ވެއެވެ.  މީގެ އިތުރުން، މިވަގުތު ތިނަދޫގެ ގެތަކުގައި ކުނި ނައްތާލާ ގޮތާ ގުޅޭ ސަރވޭއެއް މި ދަރިވަރުން ކުރިޔަށް ގެންގޮސްފައި ވެއެވެ.  މި ސާވޭއިން އެއްކުރެވުނު މަޢުލޫމާތު 'ވެމްކޯ' ތިނަދޫ ސެންޓަރާ ޙިއްސާކޮށް، މުސްތަޤްބަލުގައި ތިނަދޫގައި ކުނި މެނޭޖް ކުރުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުން ކުރެވޭނެއެވެ.     މި ޙަރަކާތުގައި، މި ސްކޫލުގެ ގްރޭޑް 6ގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން 'ވެމްކޯ'ގެ މުއައްޒަފުން ބައިވެރި ވެފައި ވެއެވެ.  

          މި ޙަރަކާތުގެ ސަބަބުން، ކުނި ބައިބައި ކުރާނެ ގޮތްތަކާއި، އެކަމުގެ މުހިއްމުކަން ދަރިވަރުންނަށް އެނގި، މުޖުތަމަޢޫގައި ބޮޑުވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް އެހީވުމުގެ ގޮތުން ފަރުދީ ފެންވަރުގައާއި، ޖަމާޢަތުގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް އެނގި، މުޖުތަމަޢަށް ފައިދާހުރި ޚިދުމަތެއް ކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ. މިއީ، ދަރިވަރުންގެ ކަރިކިއުލަމުގައި ވާ ފަދައިން، ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައި ވަރަށް މުހިއްމު އެހައިމެ ބޭނުންތެރި ޙަރަކާތެކެވެ.  

        • އަބޫބަކުރު ސްކޫލުގެ އަހަރީ ކޭމްޕް – 'ހުޓެވަރާ' 2024

        • 26/11/2024
        • މި ސްކޫލުގެ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުންނަށް ބާއްވާ އަހަރީ ކޭމްޕް 'ހުޓެވަރާ' 2024، ނޮވެމްބަރ 23 އަދި 24ގައި ކުރިޔަށް ގެންދެވިފައި ވެއެވެ. މި ސްކޫލުގެ 25 ސްކައުޓުންނާއި، 16 ގާރލް ގައިޑުން، އަދި 71 ކަބް ސްކައުޓުންނާއި 91 ލިޓްލް މެއިޑުންގެ އިތުރުން 32 ސްޓަރ ދަރިވަރުންނާއި، 32 ޕްރީ-ކަބުން ބައިވެރިވި މި ކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ޔުނީފޯމް ޙަރަކާތްތަކުގެ ދަރިވަރުން ދެ ގްރޫޕަކަށް ބަހައިގެންނެވެ.  ގދ.ކާޑެއްދޫ އެމް.އެން.ޑީ.އެފް.ސައިޓާއި، އަބޫބަކުރު ސްކޫލުގައި ކުރިޔަށް ގެންދެވުނު މި ކޭމްޕުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތަކާއި، ކަސްރަތާއި، ޓީމް ބިލްޑިންގ އަދި ދަރިވަރުން ގަޔާވާފަދަ ތަފާތު ކުޅިވަރުގެ ޙަރަކާތްތައް ކުރިޔަށް ގެންދެވުނެވެ. 

          ކާޑެއްދޫގައި ކުރިޔަށްދިޔަ ކޭމްޕު ޚާއްޞަ ކޮށްފައިވަނީ މި ސްކޫލުގެ ގްރޭޑް 5 އަދި 6ގެ ސްކައުޓުންނަށާއި ގާރލް ގައިޑުނަށެވެ.  އަދި ސްކޫލުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގައި ބައިވެރި ވެފައިވަނީ އެލް.ކޭޖީ.، ޔޫ.ކޭ.ޖީ، ގްރޭޑް 3،2،1 އަދި 4ގެ ޕްރީ-ކަބް، ސްޓަރ، ކަބްސްކައުޓް އަދި ލިޓްލް މެއިޑް ދަރިވަރުންނެވެ. ސްކޫލުގައި ކުރިޔަށް ގެންދިޔަ ކޭމްޕުގައި   ނޮވެމްބަރ 23ގައި ޔުނީފޯމް ޙަރަކާތްތަކުގެ އަންހެން ދަރިވަރުން ބައިވެފައިވާއިރު، ޔުނީފޯމް ޙަރަކާތްތަކުގެ ފިރިހެން ދަރިވަރުން ކޭމްޕުގައި ބައިވެފައިވަނީ ނޮވެމްބަރ 24ގައެވެ.

          މި ކޭމްޕުގައި މި ސްކޫލުގެ ހުރިހައި މުދައްރިސުން ބައިވެރިވެފައިވާއިރު، 'ތެނަދޫ ރޯވަރުން'ނާއި 'ޔަންގް ލީޑަރސް'ގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. އަދި އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ – ކާޑެއްދޫ ޕޯސްޓުގެ ބޭފުޅުންނާއި، ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނާއި ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.  މީގެ އިތުރުން އެފް.އެން.އެފްގެ އިންސްޓްރަކްޓަރ ނަބާޙަތު ލަޠީފާއި ސްކޫލުގެ އެންމެހައި ބެލެނިވެރިންނާއި އެޑްމިން މުއައްޒަފުންނާއި ސަޕޯޓް ސްޓާފުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. މި ކޭމްޕުގެ އެންމެހައި ބައިވެރިންނަށް، ކޭމްޕު ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓާއި ކޭމްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދެވުނެވެ.   

        • ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ ޑަބުލިއު.ޑީ.ސީގެ ފަރާތުން އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާ ކުރުން

        • 22/11/2024
        • އަބޫބަކުރު ސްކޫލަށް ލެޕްޓޮޕް ހަދިޔާކުރުން

          އަބޫބަކުރު ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.  މި ލެޕްޓޮޕްތައް ޙަވާލުކުރެއްވީ 21 ނޮވެމްބަރ 2024ގައި ސްކޫލުގައި އޮތް ޚާއްޞަ އެސެމްބްލީގައި ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީއާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނާއިބް ރައީސް ޢާދިލާ މުޙައްމަދު ރަޝީދެވެ.  ސްކޫލުން، މި ލެޕްޓޮޕްތަކާ ޙަވާލުވީ، ޕްރިންސިޕަލް މުޙައްމަދު ޢަޖީބެވެ. 

          މި ލެޕްޓޮޕްތައް ސްކޫލަށް ހަދިޔާ ކުރެއްވުމާ ގުޅިގެން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަބޫބަކުރު ސްކޫލުގެ ފަރާތުން ހަނދާނީ ފިލާ ޙަވާލު ކުރެވުނެވެ. 

          ސްކޫލަށް މި ލިބުނު އެހީއަކީ، މުދައްރިސުންގެ ބުރަ މަސައްކަތަށް ލުއިތަކެއް ލިބިގެން ދާނެ އެހީތެރިކަމެއްކަމަށާއި، މީގެ ސަބަބުން މުދައްރިސުން ކުރައްވާ މަަސައްކަތްތައް ކުރުމުގެ ސްޕީޑް ހަލުއިވެ، އޭގެ ހެޔޮ އަސަރު ދަރިވަރުންގެ އުނގެނުމަށް ސީދާ ގޮތެއްގައި ކުރާނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.  އަދި މިފަދަ ދީލަތި އެހީތެރިކަމެއް ވެދެއްވި ކަމަށްޓަކައި ތިނަދޫ ސިޓީ ކައުންސިލާއި، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޝުކުރު އަދާކުރެއްވިއެވެ. 

          މި އެސެމްބްލީގައި ތިނަދޫ ސިޓީގެ މޭޔަރ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރުމަށް މުދައްރިސުން ކުރައްވާ ބުރަމަސައްކަތް ފާހަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޓީ ކައުންސިލާއި ޑަބުލިއު.ޑީ.ސީން މި ދިން އެހީތެރިކަމުގެ ސަބަބުން، މުދައްރިސުންނަށް ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ތިނަދޫ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރައްވަނީ، މި ސިޓީގެ ތަރައްޤީއަށް އެންމެން ގުޅިގެން މަަސައްކަތް ކުރެއްވުމާއެކު، މި ސިޓީގައި ހުރި މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ސިޓީ ކައުންސިލުގައި ޤާބިލުކަން ހުރި މިންވަރަކުން ފޯރުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. 

          މި ޚާއްޞަ އެސެމްބްލީގައި، އަބޫބަކުރު ސްކޫލުގެ ދަރިވަރުން، ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުގެ ޤުރްއާން މުބާރާތުންނާއި، މާލޭގައި ބޭއްވުނު އެމް.ޑަބުލިއު.އެސް.ސީ. އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުން އޮތެވެ. ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުގެ ޤުރްއާން މުބާރާތުން މި ސްކޫލް، އޯވަރޯލް 3ވަނަ ޙާޞިލުކޮށްފައިވާއިރު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން މި ސްކޫލުވަނީ 13އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 2ވަނަ ޙާޞިލު ކޮށްފައެވެ.  މި މުބާރާތްތަކުން ދަރިވަރުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ސްކޫލުގެ ފަރާތުން ދަރިވަރުންނަށް ދިން ހަދިޔާ ޙަވާލުކޮށްދެއްވީ، މި އެސެމްބްލީގެ ޚާއްޞަ މެހުމާނުން ކަމަށްވާ، ތިނަދޫ ސޓީގެ މޭޔަރާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބުލިއު.ޑީ.ސީގެ މެމްބަރުންނެވެ.  އެތުލެޓިކްސް މުބާރާތުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ލިއުން ޙަވާލު ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޢަޖީބެވެ.  މި އެސެމްބްލީގައި ސްކޫލުގެ މުދައްރިސުންނާއި، ކާމިޔާބީ ޙާޞިލުކުރި ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން، ސްކޫލުގެ ޕީ.ޓީ.އޭ.ގެ ހިންގާ ކޮމިޓީއާއި ކްލާސް މަންދޫބުން ބައިވެރިވެލެއްވިއެވެ.     

      • ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް 2024 ފާހަގަ ކުރުން
        • ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް 2024 ފާހަގަ ކުރުން

        • 7/10/2024
        • މުދައްރިސުން ކުރައްވާ ބުރަ، މާތް މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަ ކުރާ 'ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަސް' މި ސްކޫލުގައި ފާހަގަކުރެވުނެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5ވަނަ ދުވަހު ކަމުގައި ވީނަމަވެސް، އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހަކީ މި ދިރާސީ އަހަރުގެ ޓާމު ޗުއްޓީގެ ދުވަހެއް ކަމަށް ވުމާއެކު، މުދައްރިސުންގެ ދުވަސް މި ސްކޫލުގައި ފާހަގަ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. 

          އަބޫބަކުރު ސްކޫލުގެ މުދައްރިސުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށްޓަކަައި، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މުދައްރިސުން ސްކޫލަށް ޙާޟިރު ވުމާއެކު، ސްކޫލުގެ ހުރިހައި މުދައްރިސުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ.  އެގޮތުން މުދައްރިސުންގެ ހިއްމަތްތެރި މަސައްކަތަށް ތަޢުރީފުކޮށް، ޚާއްޞަ ލަވައެއް ހުށަހެޅުމާއެކު މުދައްރިސުންނަށް މާ ބޮނޑި އެރުވުނެވެ.  މީގެ އިތުރުން މި ސްކޫލުގެ އެޑްމިނިސްޓްރޭޓިވް މުއައްޒަފުންނާއި، ދަރިވަރުން އަދި ޕީ.ޓީ.އޭ ގުޅިގެން ޚާއްޞަ އެސެމްބްލީއެއް ކުރިޔަށް ގެންދެވުނެވެ.  މި އެސެމްބްލީގައި، މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ޕްރިންސިޕަލާއި، ދަރިވަރުން އަދި ބެލެނިވެރިންގެ ޝުޢޫރު ފައުޅުކުރުން އޮތެވެ.  އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް، ހުރިހައި ދުވަހަކު ސްކޫލަށް ޙާޟިރުވެލެއްވި މުދައްރިސުންނަށް، ސްކޫލުގެ ޕީ.ޓީ.އޭ އިން ދެއްވާ 'ރަން ޙާޟިރީ'ގެ އިނާމު (2000.00ރ.ގެ ފައިސާގެ ވައުޗަރު) ޙަވާލު ކުރުން އޮތެވެ.  މި ފަޚުރުވެރި މަޤާމް މި އަހަރު ޙާޞިލު ކުރައްވާފައި ވަނީ، ތަސްމީނާ ޒަކަރިއްޔާ، އާމިނަތު މުޙައްމަދު އަދި ހިދާޔާ އަޙްމަދެވެ.

          ޤައުމު ބިނާކުރުމުގައި މުދައްރިސުން އަދާކުރައްވާ މުހިއްމު ދައުރު ފާހަގަކޮށް، ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޚާއްޞަ ކޭކަކާއި ހެންދުގެ ސައިފޮދެެއް މުދައްރިސުންނަށް ހަދިޔާ ކޮށްފައި ވެއެވެ.  އަދި ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ނަރުހުންގެ ފަރާތުން މުދައްރިސުންނަށް ޚާއްޞަ ކޭކެއް ހަދިޔާ ކޮށްފައި ވެއެވެ. 

          މީގެ އިތުރުން، މުދައްރިސުންގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު ވަޒަންކޮށް ސްކޫލުގެ ކޮންމެ މުދައްރިސަކަށް، ހަނދާނީ ހަދިޔާއެއްެގެ ގޮތުގައި ޚާއްޞަ ގަލަމެއް ސްކޫލުން ހަދިޔާ ކޮށްފައި ވެއެވެ. 

        • ސިކާރަން މާހެފުން 1443

        • 23/4/2022
        • މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔުން މި ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. "ސިކާރަން މާހެފުން" މިނަމުގައި ކުރިއަށްގެންދާ މި ޙަރަކާތަކީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވަމުން އަންނަ ޙަރަކާތެކެވެ. މި ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވި މި ޙަރަކާތް އޮތީ 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުއެވެ. ދުވަހުގެ މެންދުރު ވަގުތު ބޭއްވުނު "ސިކާރަން މާހެފުމުގައި"، ޢާއްމުކޮށް މާހެފުމުގައި ބޭނުންކުރާ ކާބޯތަކެތީގެ ރަހަބަލާލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔައެވެ. 

          މި މާހެފުމުގައި ދަރިވަރުންނާއެކު ސްކޫލުގެ ޓީޗަރުންނާއި ލީޑިންގ ޓީޗަރުންގެ އިތުރުން ޕްރިންސިޕަލް ބައިވެރިވެލެއްވިއެވެ. މި ޙަރަކާތް ކުރިއަށްގެންދިޔައީ ކްލާސްތަކުގެ ދަރުމަވެރި ބެލެނިވެރިންގެ އެހީތެރިކަމާއެކުގައެވެ.

          މީގެ އިތުރުން ސްކޫލުގެ ހުރިހާ މުވައްޒަފުން އިންތިޒާމްކުރި މާހެފުމެއްވެސް އެދުވަހުގެ މެންދުރުފަހު ވަނީ ބާއްވާފައެވެ. މި މާހެފުމުގައި ސްކޫލުގެ ހުރިހާ މުއައްޒަފުން ބައިވެރިވެލެއްވިއެވެ.

        • އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް 2022

        • 23/4/2022
        • ކޮންމެ އަހަރެއްގެ އޭޕްރީލް 2 ވަނަ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދަނީ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު ދުނިޔޭގެ އޯޓިޒަމަށް ހޭލުންތެރިކުރާ ދުވަހުގެ ޝިޢާރަކީ “Inclusive Quality Education for All” އެވެ. މި އަހަރުގެ އޯޓިޒަމް ދުވަސް މި ސްކޫލުގައި ފާހަގަކޮށްފައިވަނީ 31 މާރިޗު 2022 ވީ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ގެންދެވުނު މުހިއްމު އެއް ޙަރަކާތަކީ ދުވަހާ ގުޅިގެން ބޭއްވުނު ޚާއްޞަ އެސެމްބްލީއެވެ. މި އެސެމްބްލީ ހުށަހަޅައިދިނީ ގްރޭޑް 3 ސީގެ ދަރިވަރުންނެވެ. މި އެސެމްބްލީގައި އޯޓިޒަމާ ބެހޭގޮތުން ދަރިވަރުން ވާހަކަދެއްކުމުގެ އިތުރުން ދުވަހާ ގުޅޭ ސްޓޭޖް ޑްރާމާއަކާއި ލަވައެއް ހުށަހަޅައިދީފައިވެއެވެ. މިއިން ކޮންމެ ހުށަހެޅުމެއްގައިވެސް އޯޓިޒަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މެސެޖްތަކެއް ދީފައިވެއެވެ. މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސިޕަލް ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަދެއްކެވިއެވެ. މީގެއިތުރުން،  ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންގެ ވަރަށް ފުރިހަމަ ޙަރަކާތެއް ފެނިގެން ގޮސްފައިވެއެވެ.

          އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ސްކޫލުގެ ސްޕާކްލިންގ ޔުނިޓުން ވަނީ ދުވަހާ ގުޅޭ ޚާއްޞަ ބެޖެއް ތައްޔާރުކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ވިއްކާފައެވެ. މި ބެޖް ސްކޫލުގެ ވަރަށް ގިނަ ދަރިވަރުންނާއި މުވައްޒަފުން ގަނެ އެދުވަހުގެ ޙަރަކާތްތަކުގައި ބޭނުންކޮށްފައިވެއެވެ. 

          ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންގެ އެކިއެކި ޙަރަކާތްތަކަށް ފަންޑް ރެއިސް ކުރުމަށް ވިއްކުނު ޚާއްޞަ ބެޖު، މިރަށުގެ އެކިއެކި މުއައްސަސާތަކަށް ވިއްކުން ވެސް އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިޔަށް ގެންދެވުނެވެ. މުވައްސަސާތަކަށް ބެޖު ވިއްކުން ކުރިއަށް ގެންދިޔައީ ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންނާއި ޓީޗަރުންނެވެ. މި ޙަރަކާތަށް މުވައްސަސާތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

          މީގެ އިތުރުން، އޯޓިޒަމަށް ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން، ޚާއްޞަ ވީޑިއޯ ލަވައެއް މި ސްކޫލުގެ ފަރާތުން ނެރުނެވެ. 

        • ދުޅަހެޔޮ ހަށިހެޔޮ ދުވަސް 2022

        • 23/4/2022
        • މި އަހަރުގެ ދުޅަހެޔޮ ހަށިހެޔޮ ދުވަސް މި ސްކޫލުގައި ފާހަގަކޮށްފިއެވެ. 31 މާރިޗު 2022 ވީ ބުރާސްފަތިދުވަހު ފާހަގަކުރި މިދުވަހުގެ ޕްރޮގްރާމްތައް ފެށިގެން އައީ ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. މަސްޖިދުއްސަލާމްގައި ކުރެވުނު ފަތިސް ނަމާދުގައި މި ސްކޫލުގެ ގިނަ ޢަދަދެއްގެ ފިރިހެން ދަރިވަރުނާއި ޓީޗަރުންގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ވެސް ބައިވެރިވެލެއްވިއެވެ.

          ދުވަހުގެ ދެވަނަ ޙަރަކާތަކަށް އޮތީ ދުވުމާއި ކަސްރަތެވެ. ހެނދުނު 06:00 އިން 06:30 އަށް ގެންދެވުނު މި ޙަރަކާތުގައި ބައިވެރިވެފައިވަނީ ކީ ސްޓޭޖް 2 ގެ ދަރިވަރުންނެވެ. މި ޙަރަކާތުގައި ސްކޫލުގެ ޕްރިންސިޕަލާއި ސްޕޯޓްސް ސުޕަވައިޒަރ ބައިވެރިވެލެއްވިއެވެ. ދުވުމާއި ކަސްރަތު އޮތީ ސްކޫލުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ތިނަދޫ ޓާރފް ދަނޑުގައެވެ.

          ދުވުމާއި ކަސްރަތަށްފަހު 06:30 އިން 08:00 އަށް ކުރިއަށް ގެންދެވުނީ އޮބްސްޓިކަލް އެވެ. މި ޙަރަކާތް ފައުންޑޭޝަން ސްޓޭޖް ދަރިވަރުންނާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް، ސްކޫލު ގޯތިތެރޭގައި ގެންދެވުނުއިރު، ކީސްޓޭޖް 2 ގެ ދަރިވަރުންނަށް ގެންދެވުނީ ތިނަދޫގައި އަލަށް ހެދި ޓާރފް ދަނޑުގައެވެ. މި ޙަރަކާތް ކުރިއަށް ގެންދިޔައީ ސްޕޯރޓްސް ސުޕަވައިޒަރގެ އިތުރުން ލީޑިންގ ޓީޗަރުންނާއި ޓީޗަރުންގެ އެހީތެރިކަމާއެކުގައެވެ.

          މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިއްމުކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ނަރުހުން ވަނީ މި ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތުދީފައެވެ. ދަރިވަރުންނަށް މަޢުލޫމާތުދެވުނީ އެދުވަހު ބޭއްވުނު ޚާއްޞަ އެސެމްބްލީގައެވެ.

        • ސްޕޯރޓްސް ފިއެސްޓަރ 2022

        • 23/4/2022
        • މިސްކޫލުގެ "ސްޕޯރޓްސް ފިއެސްޓަރ 2022" މާރިޗު 23 އިން 26 އަށް ކުރިއަށް ގެންގޮސްފިއެވެ. ކޮވިޑް 19 ގެ ޢާލަމީ ވަބާއަށްފަހު ދަރިވަރުންނަށް ބޭއްވުނު ކުޅިވަރުގެ މި ޙަރަކާތް ފެށުމުގެ ގޮތުން މާރިޗު 23 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ފައުންޑޭޝަން ސްޓޭޖް އަދި ސްޕާކްލިންގ ޔުނިޓްގެ ދަރިވަރުންގެ ސްޕޯރޓްސް މީޓެވެ. މާރިޗު 24 އިން 26 އަށް ކުރިއަށް ދިޔައީ ކީސްޓޭޖް 1 އަދި 2 ގެ ކްލާސްތަކުގެ މެދުގައި ބޭއްވުނު އިންޓަރ ކްލާސް ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތެވެ. ހޭންޑްބޯލް މުބާރާތުގައި 190 އަންހެން ދަރިވަރުން ބައިވެރިވެފައި ވާއިރު ފުޓްސަލް މުބާރާތުގައި 161 ދަރިވަރުން ބައިވެރިވެފައިވެއެވެ.

          ޖުމްލަ 351 ދަރިވަރުން ބައިވެރިވި މި ދެ މުބާރާތުގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނާއި ހަވީރުއެވެ. މި މުބާރާތްތަކުން ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފާހަގަވެގެން ގޮސްފައިވެއެވެ. ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގެ އަމްޕަޔަރުކަމާއި ރެފްރީކަން ކޮށްފައިވަނީ މި 2 ކުޅިވަރުގައި ޙަރަކާތްތެރިވާ ތިނަދޫގެ ހުނަރުވެރި ފަރާތްތަކުންނެވެ.

          "ސްޕޯރޓްސް ފިއެސްޓަރ" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ 26 މާރިޗު ވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ތިނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ސަޢުދު ޢަލީ އެވެ. މި ރަސްމިއްޔާތުގައި ކުޅިވަރުގެ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ޒުވާނުން ދަޢުވަތުދެވިގެން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅުދެއްކެވިއެވެ. 

          "ސްޕޯރޓްސް ފިއެސްޓަރ" ނިންމުމުގެ ރަސްމިއްޔާތުގައި ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް 1 އަދި ސްޕާކްލިންގ ޔުނިޓުން ސްޕޯރޓްސް ފިއެސްޓަރގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ރަން މެޑަލް ޙަވާލުކުރެވުނެވެ. 

          ހޭންޑްބޯލް މުބާރާތުން، ގްރޭޑް 4 ބީ، 5 އޭ އަދި 6 ބީ ރަންމެޑަލް ޙާޞިލުކޮށްފައިވާއިރު، 4 އޭ، 5 ބީ އަދި 6 އޭ ކްލާހުން ވަނީ ރިހި މެޑަލް ހޯދާފައެވެ. ހޭންޑްބޯލް މުބާރާތުގައި 4 ސީ ކްލާހުން ޙާޞިލުކޮށްފައިވަނީ ލޯ މެޑެލެވެ.

          ފުޓްސަލް މުބާރާތުން، ގްރޭޑް 4 ބީ، 5 އޭ އަދި 6 އޭ ރަންމެޑެލް ޙާޞިލުކޮށްފައިވާއިރު، 4 އޭ، 5 ބީ އަދި 6 ބީ އިން ޙާޞިލުކޮށްފައިވަނީ ރިހި މެޑަލެވެ. ފުޓްސަލް މުބާރާތުން 4 ސީ ކުލާހަށް ލިބުނީ ލޯ މެޑެލެވެ. 

        • ދުޅަހެޔޮ ހަށިހެޔޮ ދުވަސް 2022

        • 18/4/2022
        • މި އަހަރުގެ ދުޅަހެޔޮ ހަށިހެޔޮ ދުވަސް މި ސްކޫލުގައި ފާހަގަކޮށްފިއެވެ. 31 މާރިޗު 2022 ވީ ބުރާސްފަތިދުވަހު ފާހަގަކުރި މިދުވަހުގެ ޕްރޮގްރާމްތައް ފެށިގެން އައީ ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުންނެވެ. މަސްޖިދުއްސަލާމްގައި ކުރެވުނު ފަތިސް ނަމާދުގައި މި ސްކޫލުގެ ގިނަ ޢަދަދެއްގެ ފިރިހެން ދަރިވަރުނާއި ޓީޗަރުންގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ވެސް ބައިވެރިވެލެއްވިއެވެ.

          ދުވަހުގެ ދެވަނަ ޙަރަކާތަކަށް އޮތީ ދުވުމާއި ކަސްރަތެވެ. ހެނދުނު 06:00 އިން 06:30 އަށް ގެންދެވުނު މި ޙަރަކާތުގައި ބައިވެރިވެފައިވަނީ ކީ ސްޓޭޖް 2 ގެ ދަރިވަރުންނެވެ. މި ޙަރަކާތުގައި ސްކޫލުގެ ޕްރިންސިޕަލާއި ސްޕޯޓްސް ސުޕަވައިޒަރ ބައިވެރިވެލެއްވިއެވެ. ދުވުމާއި ކަސްރަތު އޮތީ ސްކޫލުގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ތިނަދޫ ޓާރފް ދަނޑުގައެވެ.

          ދުވުމާއި ކަސްރަތަށްފަހު 06:30 އިން 08:00 އަށް ކުރިއަށް ގެންދެވުނީ އޮބްސްޓިކަލް އެވެ. މި ޙަރަކާތް ފައުންޑޭޝަން ސްޓޭޖް ދަރިވަރުންނާއި ކީސްޓޭޖް 1 ގެ ދަރިވަރުންނަށް، ސްކޫލު ގޯތިތެރޭގައި ގެންދެވުނުއިރު، ކީސްޓޭޖް 2 ގެ ދަރިވަރުންނަށް ގެންދެވުނީ ތިނަދޫގައި އަލަށް ހެދި ޓާރފް ދަނޑުގައެވެ. މި ޙަރަކާތް ކުރިއަށް ގެންދިޔައީ ސްޕޯރޓްސް ސުޕަވައިޒަރގެ އިތުރުން ލީޑިންގ ޓީޗަރުންނާއި ޓީޗަރުންގެ އެހީތެރިކަމާއެކުގައެވެ.

          މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިއްމުކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ނަރުހުން ވަނީ މި ސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތުދީފައެވެ. ދަރިވަރުންނަށް މަޢުލޫމާތުދެވުނީ އެދުވަހު ބޭއްވުނު ޚާއްޞަ އެސެމްބްލީގައެވެ.

        • ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް 2022

        • 18/4/2022
        • ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް 21 މާރިޗު 2022 ގައި މި ސްކޫލުގައި ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށް 21 މާރިޗު ވީ ހޯމަދުވަހު ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ސްކޫލަށް ޙާޒިރުވެފައިވަނީ ދެ ކުލައިގެ ނުވަތަ ދެ ޑިޒައިންގެ 2 އިސްޓާކީނަށް އަރައިގެންނެވެ. 

          މީގެ އިތުރުން ކޮންމެ ދަރިވަރަކުވެސް ތަފާތު ޑިޒައިން ދައްކުވައިދޭ ގޮތަށް، ކަރުދާހުގައި އިސްޓާކީނެއް ތައްޔާރުކޮށް، އެކަމަށް ޚާއްޞަކޮށް ބެހެއްޓިފައިވާ ބޯޑުތަކުގައި ހަރުކޮށްފައިވެއެވެ. ކޮންމެ ދަރިވަރަކުވެސް އިސްޓާކީން ތައްޔާރުކޮށްފައިވަނީ ދުވަހާގުޅޭ ޚާއްޞަ މެސެޖަކާއެކުގައެވެ. 

          ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "what does inclusion mean" ނުވަތަ "އިންކްލޫޝަން މާނަ ކުރަނީ ކިހިނެތް؟" އެވެ.

        • ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް 2022

        • 18/4/2022
        • ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް މިސްކޫލުގެ "ސްޓާރސް"، "ލިޓްލްމެއިޑްސް" އަދި "ގާރލްގައިޑް" ދަރިވަރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މާރިޗު 19 އަދި 22 ގައި ޖުމްލަ 5 "އެކްޓިވިޓީ" އެއް ކުރިއަށް ގެންދެވުނެވެ. މި 5 އެކްޓިވިޓީ ނިންމައިގެން "އައި.ޑަބްލިއު.ޑީ" ބެޖް ޙާޞިލުވާ ގޮތަށް ކުރިއަށްގެންދެވުނު މި ޙަރަކާތްތަށް ފުރިހަމަކޮށްގެން 135 ދަރިވަރަކު "އައި.ޑަބްލިއު.ޑީ" ބެޖް ޙާޞިލުކޮށްފައިވެއެވެ. 

          ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިސްކޫލުގައި ކުރިއަށް ގެންދެވުނު ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފަސްޓް ގދ. ޔަންގް ލީޑާރސްގެ އެހީތެރިކަމާއެކު މި ސްކޫލުގެ "ސްޓާރސް"، "ލިޓްލްމެއިޑްސް" އަދި "ގާރލްގައިޑް" ލީޑަރުންނެވެ. 

          ކޮންމެ އަހަރެއްގެވެސް 8 މާރިޗުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "Break the bias" އެވެ.

        • އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް ފެށުން

        • 31/3/2022
        • މި ސްކޫލުގެ އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސް 12 މާރިޗު 2022 ވީ ހޮނިހިރުދުވަހު ފަށައިފިއެވެ. ގްރޭޑް 1 އިން 6 ގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މި ޙަރަކާތަކީ ކޮވިޑް 19 ގެ ޢާލަމީ ވަބާގެ ފަހުން މި ސްކޫލުގެ ދަރިވަރުންނަށް ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު ޙަރަކާތެވެ. 

          ކުޅިވަރުގެ މި ޙަރަކާތުގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ ސްކޫލްގެ އިތުރުން ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގަ އާއި ތިނަދޫ ކެމްޕަސް ދަނޑުގެ އިތުރުން ތިނަދޫގައި އަލަށް ތަރައްޤީކުރެވުނު ޓާފް ބޮޑު ދަނޑުގައެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކު ކުރިއަށްދާ ފުޓްސަލް އަދި ހޭންޑްބޯލް ޕްރެކްޓިސްގައި، ކުލާސްތަކުގެ ދަރިވަރުންނަށް އެހީތެރިވަނީ ކުޅިވަރުގައި ޙަރަކާތްތެރިވާ ތިނަދޫގެ ޒުވާނުންނާއި ސްކޫލުގެ މުދައްރިސުންގެ އިތުރުން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެވެ.  ޕްރެކްޓިސް ކުރިއަށްދަނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން 6:00 އަށެވެ.

        • ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް 2022

        • 31/3/2022
        • ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް މި ސްކޫލުގައި ބޭއްވުނެވެ. 17 ފެބްރުވަރީ 2022 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި އެސެމްބްލީ ހުށަހަޅައިދިނީ ގްރޭޑް 6 އޭގެ ދަރިވަރުންނެވެ. މި އެސެމްބްލީގައި ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގެ މުހިއްމުކަމާއި ޤައުމީ ތާރީޚު ދިރާސާކޮށް ރައްކާތެރިކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައި ދަރިވަރުން ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިއްމު ޝަޚްޞިއްޔަތުންގެ ތެރެއިން "ދޮންބަނޑާރައިންގެ ޖިހާދު" އަށް މިޔުޒިކަލް ޑްރާމާއެއް ދަރިވަރުން ތަމްސީލުކޮށްދީފައިވެއެވެ.   

          މި އެސެމްބްލީގައި ޕްރިންސިޕަލް މުޙައްމަދު އަޖީބު ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި ޤައުމީ ތާރީޚްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެ އިސްލާމްވި ދުވަހާ ބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ.

          މި އެސެމްބްލީގައި ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލް މެނޭޖްމެންޓްގެ މެންބަރުންގެ އިތުރުން ގްރޭޑް 6 އޭ ކްލާހުގެ ބައެއް ބެލެނިވެރިންވެސް ބައިވެރިވިއެވެ.

        • "ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" 2022

        • 15/3/2022
        • ކޮންމެ އަހަރެއްގެ ފެބްރުވަރީ 22 ފާހަގަ ކުރަމުން އަންނަނީ "ވޯލްޑް ފައުންޑާސް ޑޭ" އަދި "ވޯލްޑް ތިންކިންގ ޑޭ" ގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތަކެއް، 8 މާރިޗް 2022 ވީ އަންގާރަ ދުވަހު، މިސްކޫލްގެ ޔުނިފޯރމް ޙަރަކާތުގައި ބައިވެރިވާ އަންހެން އަދި ފިރިހެން ދަރިވަރުން ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

          "ވޯލްޑް ފައުންޑާސް ޑޭ" ފާހަގަކުރުމުގެ ގޮތުން މި ސްކޫލުގެ ސްކައުޓް ދަރިވަރުންނާއި ޓީޗަރުން ވަނީ ގދ. ތިނަދޫ އިރުއުތުރު ފަރާތު މޫދަށް އެރޭ ސަރަޙައްދުގެ އަތިރިމަތި ސާފުކޮށް ގިނަ ޢަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު އަދި ދަޅާއި ފުޅި ފަދަ ތަކެތި އެތަނުން ނަގާފައެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ ކައުންސިލާ ގުޅިގެންނެވެ. މި ޙަރަކާތުގައި ކައުންސިލްގެ ރައިސާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ 2 މެމްބަރުން ޢަމަލީގޮތުން ބައިވެރިވެފައި ވެއެވެ.

          "ވޯލްޑް ތިންކިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން ގެންދެވުނު ޙަރަކާތްތަކުގައި މި ސްކޫލުގެ ސްޓާރސް، ލިޓްލް މެއިޑްސް އަދި ގާރލް ގައިޑް ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިގޮތުން ގެންދެވުނު 5 ޙަރަކާތް ފުރިހަމަކުރި ދަރިވަރުންނަށް "ވޯލްޑް ތިންކިންގ ޑޭ" ބެޖް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ "ފަސްޓް ގދ. ޔަންގް ލީޑަރސްގެ އެހީތެރިކަމާ އެކުގައެވެ.

        • އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވަރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 2022

        • 12/3/2022
        • އަބޫބަކުރު ސްކޫލުގެ ދަރިވަރު އިސްވާރުން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު 3 މާރިޗު 2022ގައި އަބޫބަކުރު ސްކޫލުގެ ހޯލުގައި ބޭއްވިއްޖެއެވެ.  މި ރަސްމިއްޔާތުގައި 2022ވަނަ އަހަރަށް ސްކޫލުގެ 39 ޕްރިފެކްޓުންނާއި 19 ސީނިއަރ ޕްރިފެކްޓުން އަދި ސްކޫލުގެ ދަރިވަރު އިސްވާރުންގެ މަޤާމްތަކަށް ދަރިވަރުން ޢައްޔަން ކުރެވުނެވެ.  މިގޮތުން ޢައްޔަންކުރެވުނު ދަރިވަރުންނަކީ:-

          ޢާއިޝަތު ރުދައިނާ ރަފީޢު   -             ސްކޫލް ކެޕްޓަން

          ހަމޫދު މުޙައްމަދު ލަޠީފް        -             ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސް

          އުއްމުކުލްޘޫމް މުޙައްމަދު       -             ދަރިވަރުންގެ ޖަމްޢިއްޔާގެ ނާއިބް ރައީސް

          ޢާއިޝަތު އާލާ މުޙައްމަދު     -             ސްކޫލް ޑެޕިއުޓީ ކެޕްޓަން

          ފާޠިމަތު ނާޝް އަޙުމަދު       -            ގޭމްސް ކެޕްޓަން

          ޔޫސުފް އަދީން އާދަމް ނަސީމް     -     ދާންނާ ހައުސް ކެޕްޓަން

          ޙަސަން އާހިލް އިރުފާން          -      ފާށަނާ ހައުސް ކެޕްޓަން

          ޙައްވާ ޔޫލީ އަޙުމަދު                -      ވެލާނާ ހައުސް ކެޕްޓަން

          މަރްޔަމް އީޝަލް މުޙައްމަދު ރަމީޒް   -  ދޮށިމޭނާ ހައުސް ކެޕްޓަން

          ޢާއިޝަތު އަލްމާ ބިންތި އިބްރާހީމް  -  ނޭޗަރ ކްލަބް ޕްރެޒިޑެންޓް

          މަރްޔަމް މަލަކާ ބިންތި މަމްދޫން    -  އަދަބީ ދަންމަރުގެ ރައީސާ

          މުޙައްމަދު އާކިފް ބިން އަފްޒަލް     -   ޤުރްއާން ކްލަބް ރައީސް

          ޙަސަން ލަޔާން              -         ހިއުމަން ރައިޓްސް ކްލަބް ޕްރެޒިޑެންޓް

          އަޒާން ބިން މުޙައްމަދު ސަލީމް    -  އެކްސްޕްރެޝަން ގްލޯރިޔާ ޕްރެޒިޑެންޓް

          އަޙްމަދު މައިޝަލް އިބްރާހީމް     -   ވޮކޭޝަނަލް ކްލަބް ޕްރެޒިޑެންޓް

          މުޙައްމަދު މަހީލް ޢަލީ             -    ކޯޑް ކްލަބް ޕްރެޒިޑެންޓް

           

          ގިނަޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އެންމެހައި މުއައްޒަފުންނާއި ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ތިނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޝަރީފެވެ. ދަރިވަރުންނާ މުޚާޠަބުކުރައްވައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް މަރުޙަބާ ދެންނެވިއެވެ.  އަދި ހުރިހާ ދަރިވަރުން، ޚާއްޞަކޮށް އިސްވާރުންގެ ގޮތުގައި ހޮވުނު ދަރިވަރުން، ސްކޫލުގެ އެހެން ދަރިވަރުންނާ ގުޅިގެން އެކުގައި ކުރިއެރުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.  އަދި ކޮންމެ ލީޑަރަކީވެސް އެހެން މީހުންގެ މަޤްބޫލުކަން ލިބޭފަދަ ލީޑަރަކަށް ވުމަށާއި، އެފަދަ 'އިންސްޕިރޭޝަނަލް' ލީޑަރަކަށް ވުމަށް ކުރެވިދާނެ ގިނަކަންތައްތަކެއް ފާހަކޮށްދެއްވިއެވެ. 

          މި ޙަފްލާގައި ސްކޫލުގެ ޕްރިންސިޕަލް ވާހަކަދެއްކެވިއެވެ.  ޕްރިންސިޕަލްގެ ވާހަކާގައި، މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ތަހުނިޔާ ދެންނެވުމަށްފަހު، ސްކޫލުގެ އިސްވާރުން އެހެންކުދިންނަށް ނަމޫނާއަކަށް ވުމަށްނަޞޭޙަތްތެރިވެލެއްވިއެވެ.  މީގެ އިތުރުން މި ޙަފްލާއަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.  ވަކިން ޚާއްޞަކޮށް ސްކޫލުގެ މުއައްޒަފުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.    

          މި ރަސްމިއްޔާތުގައި، ތިނަދޫ ކައުންސިލުގެ ނާއިބު ރައީސާއި ކައުންސިލަރުން، އަދި ކައުންސިލް އެގްޒެކެޓިވްއާއި ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މި ރަސްމިއްޔާތުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގެން، ޕްރިފެކްޓުންނަށް ސެޓްފިކެޓާއި، ޓެގް، ދަރިވަރު އިސްވާރުންނަށް ސޭޝާއި ސެޓްފިކެޓާއި ޓެގް ޙަވާލުކޮށްދެއްވިއެވެ.  ދަރިވަރު އިސްވާރުންނަށް ގުލްދަސްތާ ޙަވާލުކޮށްދެއްވީ އެ ދަރިވަރުންގެ ބެލެނިވެރިންނެވެ. 

          ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މިރަސްމިއްޔާތުގައި، ކިޔެވިދިޔަ އާޔަތްތަކުގެ ދިވެހި ތަރުޖަމާ އިއްވުމަށްފަހު، ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.  ސްކޫލުގެ ޕްރިފެކްޓުންނާއި، އެކި މަޤާމްތަކަށް ހޮވުނު އިސްވާރުންގެ ނަންތައް، ދަރިވަރުން އިޢުލާނުކުރުމުން ސެޓްފިކެޓާއި ޓެގް އަދި ސޭޝް ޙަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނާއި ޚާއްޞަ މެހުމާނުންނެވެ.  އެހީތެރިވެދެއްވީ ސްކޫލުގެ ޕްރިންސިޕަލާއި ލީޑިންގ ޓީޗަރުންނެވެ. 

          ތީމަކަށް 'ފަންވަތް' ބޭނުންކުރި މި ރަސްމިއްޔާތުގައި ސްކޫގެ ދަރިވަރުވަރު އިސްވާރުންނަށް ތަހުނިޔާ ދެންނެވުމަށް، ބަންޖާއި ރައިވަރު އަދި ލަވައިން ގިނަ ހުށަހެޅުންތަކެއް ހުށަޅާފައިވެއެވެ. 

           

        • ބެލެނިވެރިންގެ ޢާންމު ބައްދަލުވުން

        • 2/3/2022
        • 2021، 2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ، ބެލެނިވެރިންގެ ފުރަތަމަ ޢާންމުބައްދަލުވުން 27 ފެބްރުއަރީ 2022 (އާދީއްތަ) ދުވަހުގެ ރޭ 8:30ގައި މި ސްކޫލުގެ ހޯލުގައި ބޭއްވުނެވެ.  މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެވަނަ ޓާމުގައި މި ސްކޫލުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމާއި، ސްކޫލް ހިންގުން ހަރުދަނާ ކުރުމުގެގޮތުން ބެލެނިވެރިންގެ ޚިޔާލު ހޯދުމެވެ.  މީގެއިތުރުން ދަރިވަރުން ހޯދާ ކާމިޔާބީތައް ސްކޫލްތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތު ބެލެނިވެރިންނާ ޙިއްސާކުރުމާއި، އެ ސިޔާސަތު ސްކޫލުގައި ތަންފީޒު ކުރުމަށްޓަކައި، ސްކޫލުން ރާވާފައިވާ ޙަރަކާތްތައް ބެލެނިވެރިންނާ ޙިއްސާކުރުމަކީވެސް މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްޞަދެވެ. 

          ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށި މި ޖަލްސާގައި، ޚާއްޞަ ދުޢާއެއް ކުރުންއޮތެވެ.  އެއަށްފަހު، ހިގަމުންދާ ދިރާސީއަހަރުގެ ދެވަނަ ޓާމުގައި ސްކޫލުން ކުރިޔަށް ގެންދަން ރާވާފައިވާ ޙަރަކާތްތަކާއި، ސްކޫލުގެ ކަންކަމުގައި ބެލެނިވެރިން ސަމާލުކަން ދެއްވަންޖެހޭނެ ބައެއް ދާއިރާތަކާ ގުޅޭގޮތުން ޕްރިންސިޕަލް ވާހަކަދެއްކެވިއެވެ.  މީގެއިތުރުން، ދަރިވަރުން ހޯދާ ކާމިޔާބީތައް ސްކޫލްތަކުގައި ފާހަގަކުރުމާ ގުޅޭގޮތުން މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތު ބެލެނިވެރިންނާ ޙިއްސާކުރެއްވިއެވެ.

          ޕްރިންސިޕަލުގެ ވާހަކައަށްފަހު، މިނސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލައްވާފައިވާ ސިޔާސަތާ އެއްގޮތަށް އެވޯޑް ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން ސްކޫލުން، ދަރިވަރުންނަށް ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް ވަރަށް ތަފްޞީލްކޮށް (އެކި ކީ ސްޓޭޖްތައް ވަކިވަކިން) ލީޑިންގ ޓީޗަރުން، ބެލެނިވެރިންނާ ޙިއްސާކުރެއްވިއެވެ.  ވަކިން ޚާއްޞަކޮށް، އާރޓް އެންޑް އިނޮވޭޝަން އެވޯޑާއި، މަސައްކަތްތެރިކަމުގެ އެވޯޑް އަދި ކޮމިއުނިޓީ ސަރވިސް އެވޯޑާއި ރީޑިންގ އެވޯޑް  ޙާޞިލުކޮށްދިނުމަށްޓަކައި، ދަރިވަރުންނަށް ހިންގަން ރާވާފައިވާ ޙަރަކާތްތައް ޙިއްސާކުރެއްވިއެވެ. 

          މި ބައްދަލުވުމުގެ އެންމެ ފަހު ނަމްބަރަކަށް އޮތީ، ބެލެނިވެރިން ޚިޔާލު ފާޅުކުރުމެވެ.  މި ފުރުޞަތުގެ ބޭނުން ހިއްޕަވައިގެން، ބެލެނިވެރިން ކުރެއްވި ސުވާލުތަކަށް ޕްރިންސިޕަލް ޖަވާބުދެއްވިއެވެ.  ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ސްކޫލުގެ މުދައްރިސުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ނިމުނީ 10:15ގައެވެ. 

        • ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން

        • 26/2/2022
        • ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް އަބޫބަކުރު ސްކޫލުގައި ބޭއްވުނެވެ. މި ޚާއްޞަ އެސެމްބްލީ ހުށަހަޅައިދިނީ މި ސްކޫލުގެ ގްރޭޑް 5ގެ ދަރިވަރުންނެވެ.  އުފެއްދުންތެރި ގޮތަކަށް ގެނެސްދިން މި އެސެމްބްލީގައި އެންމެ ޚާއްޞަ ކަމަކަށް އޮތީ، ތަފާތު އެކި ކަންކަމުގައި ބޭނުންކުރާ ހުވަދޫ ބަހުރުވައިގެ މުއްސަނދިކަން ހާމަކޮށްދޭ ހުށަހެޅުންތަކެއް އެކި ގްރޭޑްތަކުން ހުށަހެޅުމެވެ. 

          މިގޮތުން، ހުވަދުއަތޮޅުގައި ބޭނުންކުރާ އެކި ބާވަތުގެ ނެށުންތަކުގެ ނަންތަކާއި، ބޭނުންކުރާ ތަކެތީގެ ނަންތައް ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ހުވަދޫ ބަހުރުވައިން ގެނެސްދީފައިވަނީ އެ ނެށުންތައްވެސް ދައްކައިދެމުންނެވެ. 

          ގްރޭޑް ގެ ދަރިވަރުން ހުށަހަޅައިދިން ބޯޑުން، ހުވަދު އަތޮޅު މީހުން ދިވެހި ރުކުގެ އެކި ބައިތަކަށާއި ރުކުން ލިބޭ އެކި ބާވަތްތައް ވަރަށް ތަފްޞީލުކޮށް އޭގެ ފޮޓޯތަކާއެކު ހުވަދޫ ބަހުރުވައިން ހުށަހަޅައިދިނެވެ.  އަދި ގްރޭޑް ގެ ދަރިވަރުން، ހުވަދު އަތޮޅުގައި ބޭނުންކުރާ ހަކީމީ ބޭސްވެރިކަމުގެ ވައްތަރުތަކާއި، އެ ވައްތަރުތަކުގެ ބޭސްވެރިކަމުގައި ގެންގުޅޭ ބޭހުގެ ބާވަތްތައް އޭގެ އަޞްލު ތަކެއްޗާއެކު ހުށަހަޅައިދިންއިރު، ގްރޭޑް ގެ ދަރިވަރުން ހުވަދު އަތޮޅުގައި، ކާނާގެ ގޮތުގައި ބޭނުންކުރާ ތަފާތު ގިނަ ބާވަތްތަކެއްގެ ނަންތައް ހުވަދޫ ބަހުރުވައިން ހުށަހަޅައިދިނެވެ.  މީގެ އިތުރުން، ގްރޭޑް ގެ ދަރިވަރުން ހުވަދު އަތޮޅުގައި ހަވާދު ހަދާ (ހަނާކުރާ) ގޮތާއި ހަވާދު ހަނާކުރުމަށް ބޭނުންކުރާ ހަވާދުގެ ބާވަތްތަކަށް ހުވަދޫ ބަހުރުވައި ކިޔާ ނަންތައް ހުށަހަޅާފައި ވެއެވެ.  ހުވަދުއަތޮޅުގައި ކުޅުނު އިހުގެ ބައެއް ކުޅިވަރުގެ ނަންތަކާއި އެ ކުޅިވަރުތައް ކުޅުނު ގޮތް ހުވަދޫ ބަހުރުވައިން، ވަރަށް ތަފްޞީލުކޮށް، ގްރޭޑް 6ގެ ދަރިވަރުން ހުށަހެޅިއިރު ގްރޭޑް ގެ ދަރިވަރުން، އިހުގެ ދިވެހިން ބޭނުންކުރި ތަފާތު އެކިއެކި ދިވެހި ހެދުންތައް ލައިގެން ސްޓޭޖްމަތީގައި ދައްކާލުމާއެކު އެ ހެދުންތައް ހުވަދޫބަހުރުވައިން ތަޢާރަފްކޮށްދީފައި ވެއެވެ. 

          މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސިޕަލާއި، މުދައްރިސުންގެ އިތުރުން ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.  ކާމިޔާބުކަމާއެކު މި އެސެމްބްލީ ގެންދިއުމުގައި މި ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން، ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ލިބިފައިވެއެވެ. 

        • ދެވަނަ ޓާމުގެ ކިޔެވުން ފެށުން

        • 4/2/2022
        • ކޮވިޑް 19ގެ ކޭސްތައް ތިނަދޫގައި އިތުރުވުަމާގުޅިގެން 2021-2022 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން،  2ހަފްތާ ވަންދެން ދާދިވަރުކޮށް  ކުރިޔަށް ގެންދިއުމަށްފަހު 6 ފެބްރުއަރީ 2022ން ފެށިގެން ދަރިވަރުން، ސްކޫލަށް ޙާޟިރުވެގެން ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށްވަނީ ނިންމާފައެވެ.  

      • Login