• The namesake of Aboobakuru School

      • އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު

        އަބޫބަކުރު ސްކޫލުގެ ނަން ނިސްބަތްވެފައިވަނީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނަށެވެ.  އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނަކީ، އަލްޢައްލާމާ އައްޝައިޚް މުޙައްމަދު ޖަމާލުއް ދީން (ވާދޫ ދަންނަކަލޭފާނު)ގެ ދަރިވަރެއްމެއެވެ.  އައްސުލްޠާނު އިބްރާހީމް ކަލާފާނަށް، ކިޔަވާއެރުވި އެދުރުބޭކަލެއް ކަމަށްވެސް ބުނެވެއެވެ.

        ފަޟީލަތުއްޝައިޚް ޙުސައިން ޞަލަޙުއްދީން ލިއުއްވި 'އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމު ސިރީ ސަވާދީއްތަ މަހާރަދުން' މިފޮތުގައި (ޞަފްޙާ 283) ވިދާޅުވާގޮތުގައި 'ކޮރަލިތަކުރުގެ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުން ނިޔައުވީމާ، ދެން ފަނޑިޔާރުކަމަށް އިސްވީ، ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. އުތީމު ސަވާދީއްތަ މަހާ ރަދުންގެ ރަސްކަމުގެ ފަހުކޮޅުގައްޔާއި، ކަލާފާނު ރަސްކަމުގެ އިހުކޮޅުގައި، ފަނޑިޔާރުކަމުގައި ހުންނެވީ މި އަބޫބަކުރު ފަޑިޔާރުތަކުރުފާނެވެ. ކަލާފާނު ޢަރަބި ކިޔަވާވިދާޅުވެ، ޢިލްމުވެރީވީ މި ތަކުރުފާނުންގެ އަރިހުންނެވެ'.

        ކުރަމަތީ އަބޫބަކުރު ފަނޑިޔާރުކަލޭގެފާނަކީވެސް މިއެވެ.  މި ކުރަމައްޗަކީ މިހާރު ހުވަދުއަތޮޅު ދެކުނުބުރީގައި އޮންނަ  'ކެރަމިންތާ' ކިޔާ ފަޅުރަށެކެވެ.  އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ބޭފުޅަކާ ކައިވެނި ކުރައްވައިގެން ދިރިއުޅުއްވިކަމަށްވަނީ، ހުވަދުއަތޮޅު ދެކުނުބުރި ވާދޫގައެވެ.